ބޭރުދުނިޔެއަށް ރާއްޖެ އިޝްތިހާރުކޮށް، ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢަބްދުﷲ ޔާސިރު އިސްކުރައްވައިފިއެވެ.
1993ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވި، ޢަބްދުﷲ ޔާސިރު ވަނީ ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަދި ފްރަންޓް އޮފީސް މެނޭޖަރުގެ މަޤާމުފަދަ އޮޕަރޭޝަނަލް، މެނޭޖްމަންޓްގެ އެކި މަޤާމުތައް މީގެ ކުރިން އަދާކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން 25އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ޙާޞިލްކުރައްވާފައިވާ، ޢަބްދުﷲ ޔާސިރު އެ މަޤާމަށް އިސްކުރެއްވުމާ ގުޅިގެން، މަރުޙަބާ ދެންނެވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މުޅީން އައު ޚިޔާލުތަކާއި ގުޅިގެން އެކުގައި މަސައްކަތްކުރުމާއެކު، ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ބާޒާރުތަކުގައި ރާއްޖޭގެ ޙަރަކާތްތެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޢަބްދުﷲ ޔާސިރުއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަރ އޮފް އާޓްސް (އޮނާރސް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީގެ މަޤާމަށް، ޢަބްދުﷲ ޔާސިރު އިސްކުރެވިފައިމިވަނީ، ވިޔަފާރިއާގުޅޭ މަޝްހޫރު ޕްޑްކާސްޓް "އީޖާރީ ވިޔަފާރީގެ ހޮޅުއަށި"ގެ އައު ސީޒަނެއް ފެށުނުތަނާއެވެ. މި ޕޮޑްކާސްޓަކީ ޢަބްދުﷲ ޔާސިރު އާއި ނުޒައިރު ޢަލީ ހޯސްޓުކުރައްވާ ދާރިސްޓީވީ (މީޑިއާނެޓް، ޗެނަލް 151) އިން ކޮންމެ ހޯމަދުވަހެއްގެ ރޭގަނޑު 9:00ގައި ގެނެސްދޭ ޕްރޮގްރާމެކެވެ.
