ރަށުގައި ހުރެގެން، ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޡު ކަމުގެ ސަނަދު އެއްވަނަ ދަރަޖައިގައި ޙާޞިލުކުރި، ދ. ކުޑހުވަދޫގެ ފުރަތަމަ ދަރިވަރު، ޢުމުރުން 13 އަހަރުގެ އަލްޙާފިޡް އަނަސް ބުން މުޢާޛުގެ ކާމިޔާބީ ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ޙަފުލާއެއް ބާއްވައިފިއެވެ. ރޭ ބޭއްވުނު މި ޙަފްލާ އިންތިޒާމް ކޮށްފައިވަނީ، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް)ގެ ފަރާތުންނެވެ.
އަލްޙާފިޡް އަނަސް ބުން މުޢާޛް ހޯދި މަތިވެރި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ޖަމްޢިއްޔާގެ ފަރާތުން -/10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ރޭގެ ޙަފުލާގައި ވަނީ އަނަސްއަށް ހަވާލުކޮށްފައެވެ.

ދާރިސް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ރައީސް، އިސްމާޢީލް ޢާދިލް ވިދާޅުވީ، ކުޑަހުވަދޫގައި ހިންގަމުން އަންނަ ޤުރުއާން ކުލާހެއް ކަމަށްވާ، "ޚަލަޤާތުލް ޤުރުއާނު"ގައި ކިޔަވަމުންދިޔަ ދަރިވަރު، ޤުރުއާން ޙިފްޡްކޮށް، އެއްވަނަ ދަރަޖައިގެ ސަނަދު ޙާސިލް ކުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި މި ޙަފްލާގައި، އެ ޤުރުއާން ކުލާހުގެ ޓީޗަރުންނާއި، ކައުންސިލް މެމްބަރުންނާއި، ޖަމްޢިއްޔާގެ މެމްބަރުންނާއި އަނަސްގެ ޢާއިލާގެ މެންބަރުން ބައިވެރިވެފައިވާ ކަމަށެވެ.
ރޭ ބޭއްވި ޙަފްލާގައި، އެ ރަށުގައި ތިބެގެން ޤުރުއާން ޙިފްޡްކުރާ ކޮންމެ ދަރިވަރަކަށްވެސް 10،000 (ދިހަ ހާސް) ރުފިޔާ ހަދިޔާ ކުރާނެ ކަން އެ ޖަމްޢިއްޔާގެ ފަރާތުން އިޢުލާންކުރިއެވެ. މިކަމާ ގުޅޭގޮތުން، ޔޫ.އައި.އެސްގެ ރައީސް ވިދާޅުވީ، މީގެ ބޭނުމަކީ ރަށުގައި ތިބެގެން ޤުރުއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުކޮށް، އެ ކުދިންނަށް ހިތްވަރު ދިނުން ކަމަށާއި، އަދި ޤުރުއާން ހިތުދަސްކުރުމުގެ ރޫޙު ކުދިންގެ ހިތުގައި އާލާކުރުން ކަމަށެވެ. ކައުންސިލުންނާއި، "ޚަލަޤާތުލް ޤުރުއާން" ކުލާހުގައިވެސް ޤުރުއާން ޙިފްޡްކުރުމުގެ ޕްރޮގްރާމްތައް ހިންގާކަން ފާހަގަކުރައްވާ، އެ ކުލާސްތަކުގައި ބައިވެރިވެގެން ޤުރުއާން ޙިފްޡުކުރަމުންދާ ދަރިވަރުންނަށް މިކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޒުވާން ޚަޠީބުން" ތަމްރީނު ކުރުމުގެ 5ވަނަ ޕްރޮގްރާމުގައި ބައިވެރިވެ، ސަނަދު ޙާޞިލްކުރި، ކުޑަހުވަދޫގެ ޒުވާން ދެ ޚަޠީބުންގެ އަގުވަޒަންކޮށް، އެކުދިންނަށްވެސް މަރުޙަބާކިޔާފައިވެއެވެ.
ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫ.އައި.އެސް) އަކީ ދ. ކުޑަހުވަދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާޢީ ގޮތުން އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަފާތު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ، ނަމޫނާ ޖަމްޢިއްޔާއެކެވެ.
