ޤާނޫނީ އިމުގެ ތެރެއިން އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން "ރަނގަޅިއްޔާ ހަދިޔާއެއް" ގެ ނަމުގައި ޚާއްސަ ޙަރަކާތެއް ފެށުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަގުމަތީގެ ރައްކާތެރިކަމާއި ހޭލުންތެރިކަމާ ބެހޭ ޔުނިޓުން ތައްޔާރުވެއްޖެއެވެ.
މި ޙަރަކާތުގެ ދަށުން، އުޅަނދުގެ ހުރިހާ ފީތަކެއް ދައްކައި، ރޯޑްވާދިނެސް އަދާހަމަކޮށް އަދި ޤަވާޢިދަށް ފުރިހަމައަށް ޢަމަލުކުރާ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ސޭފްޓީ ހެލްމެޓެއް ލިބިގެންދާނެއެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤުޞަދަކީ މަގުމަތީގެ ރައްކާތެރިކަމަށް އިސްކަންދީ، ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ އާދަ އާންމުންގެ މެދުގައި އަށަގަންނުވުމެވެ.
އުޅަނދުފަހަރު ރަނގަޅަށް ބަލަހައްޓައި، ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަކީ އެންމެންނަށްވެސް ރައްކާތެރި މަގުމަތީގެ މާޙައުލެއް ޤާއިމުކުރުމަށް ލިބޭ ބޮޑު ބާރެކެވެ. އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން، އުޅަނދުގެ ޙާލަތު ދެނެގަނެ، ދައްކަންޖެހޭ ފީތައް ދައްކައި އަދާހަމަކުރުމަަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.
