މަންމަގެ އެސްފީނާ އޭނާގެ ތުއްތު ދަރިފުޅަސްޥެސް ޖެހިދާނެކަމަށާއި ގެއްލުންދިނުމުގެ ޤަޞްދެއް ނެތިވެސް މީހަކަށް އެސްފީނާ ޖެހިދާނެކަމަށް، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ޝައިޚު މިފަދައިން ވިދާޅުވީ، ރޭ އދ. ހަންޏާމީދޫގައި ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަންޏާމީދޫ ސުކޫލުގައި ރޭ، 8:30ގައި ބޭއްވި މި ފޯރަމްއަކީ "އެސްފީނާ" މި މައުޟޫޢަށް ބޭއްވުނު ފޯރަމްއެކެވެ. ރަށުގެ ވަރަށްގިނަ ރައްޔިތުން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ޝައިޚު ވަނީ އެސްފީނާ ޖެހޭ ގޮތްތައް އަދި އޭގެ ނުރައްކާތެރިކަމާ އޭގެން ސަލާމަތްވެ ރައްކާތެރިވާނެ ގޮތް، ޤުރުއާނާއި ސުންނަތުގެ އަލީގައި ވިދާޅުވެދެއްވާފައެވެ.

"މަންމަގެ އެސްފީނާ އޭނާގެ ދަރިއަކަށް ޖެހިދާނެ، މީހެއްގެ އެސްފީނާ އޭނާގެ މުދަލަށްވެސް ޖެހިދާނެ، މީހެއްގެ އެސްފީނާ އޭނާ ލޯބިވާ މީހަކަށްވެސް ޖެހިދާނެ." އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވިއެވެ.

އެސްފީނާޖެހޭ ގޮތްތަކާ ނުވަތަ ސަބަބުތަކާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝައިޚު ވިދާޅުވީ، އެސްފީނާ އަކީ ޢާންމުކޮށް އަޅުގަނޑުމެން ޤަބޫލުކުރާގޮތަށް، އަބަދު ޙަސައިދައިގެ ސަބަބުން ޖެހޭއެއްޗެއް ނޫންކަމަށާއި، އެއީ، ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް، ނުވަތަ ހުނަރަކަށް މާބޮޑަށް ފަޚުރުވެރިވެ، އެ ނިޢުމަތް ދެއްވިކަމަށްޓަކައި ﷲއަށް ޝުކުރުވެރި ނުވެ އުޅޭ ކަމުގައިވާނަމަ ޖެހިދާނެ އެއްޗެއް ކަމަށެވެ.

"އެސްފީނާ އަބަދު ޖެހެނީ ޙަސަދައިގެ ސަބަބަކުންނެއް ނޫން. އެސްފީނާ ޖެހޭ މީހަކަށް ލިބިފައިހުރި ނިޢުމަތަކާމެދު މީހާ މާބޮޑަށް އުފާވެ، އެއަށް މާބޮޑަށް އަޅައިގަނެ، އެކަން އޭނައަށް މާބޮޑަށް ކަމުގޮސް، އޭގައި ބަރަކާތްލެއްވުން އެދި ދުޢާނުކޮށް އެއަށް މާބޮޑަށް އޭނާ އަޖާއިބުވެ އަންތަރީސްވެ، އެކަމުގައި މާބޮޑަށް އޭނާ ހުންނަން ފަށައިފިއްޔާ އެހިސާބުން ފެށިގެން، އޭނާގެ ދަރިއަކަށްވެސް، އަދި އޭނާގެ ހުނަރަކަށްވެސް، އަދި އޭނާގެ މުދަލަކަށްވެސް، އަދި އޭނާގެ ނަފްސަށްވެސް އެސްފީނާއެއް ޖެހިދާނެ." އެސްފީނާ ޖެހިދާނެ ސަބަބުތައް ތަފްޞީލުކޮށްދެއްވަމުން ޝައިޚު ވިދާޅުވިއެވެ.

އެސްފީނާއަށް ފަރުވާކުރުމުގައި އެންމެ ބާރުގަދަ ގޮތަކީ، އެސްފީނާ ޖެހުނީ ކާކުގެ ސަބަބުންކަން ކަނޑައެޅިގެން އެނގޭނަމަ، އެމީހަކު ވުޟޫކޮށްފައި ހުރި ފެން އެސްފީނާ ޖެހިފައިވާ މީހާގެ ގަޔަށް އެޅުންކަން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާކަން ފާހަގަކުރައްވައި އެކަމަށް ޞައްޙަ ޙަދީޘް ބަސްފުޅުން ދަލީލު ދެއްކެވިއެވެ.

އަތޮޅުތަކުގެ ރަށްތަކުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ހިންގާ "ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމުގައި ރޭ ބޭއްވި ފޯރަމް ހުށައަޅުއްވައިދެއްވީ އެ ޖަމްޢިއްޔާގެ ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން އަދި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.

"ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމުގައި، ހަންޏާމީދޫގެ އިތުރުން، ރ. އުނގޫފާރު އަދި ހުޅުދުއްފާރުގައިވެސް މި ހަފްތާގައި ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ރ އަތޮޅުގެ ދެރަށުގައިވެސް ޙަރަކާތްތައް ކުރިއަށް ގެންގޮސްދެއްވާފައިވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުއެވެ. މިގޮތުން، "ކުއްލި މަރު" މައުޟޫޢަށް އައްޝައިޚް ޢަބްދުއްސަލާމްގެ ދަރުހެއް ރޭ، ހުޅުދުއްފާރުގައި ބޭއްވިފައިވެއެވެ.