ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ، އިނގިރޭސި - ދިވެހި ބަސްފޮތް މިއަދު ނެރެފިއެވެ.
މި ރަސްމިއްޔާތު އޮތީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރުއެވެ. މި ފޮތް ނެރެދެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.
ޖުމްލަ 1,992 ސަފުހާގެ މައްޗަށް އެކުލެވޭ މި ބިޔަ ފޮތަކީ ދިވެހި ބަހުން މިހާތަނަށް ނެރެވުނު އެންމެ މުއްސަނދި ބަސްފޮތެވެ. މި ފޮތުގައި 120,000 އިނގިރޭސި ލަފްޒުގެ ދިވެހި މާނަ ހިމަނާފައިވާއިރު، އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތާއި ބަސްބަހުގެ މަޖާޒީ މާނަތައްވެސް ވަނީ ހިމަނާފައެވެ. ޖުމްލަ 2.1 ކިލޯ ހުންނަ އަދި އާދައިގެ މޯބައިލް ފޯނެއްގެ ފުޅާމިން ހުންނަ މި ފޮތަކީ މިހާތަނަށް ރާއްޖޭގައި ނެރެވުނު އެންމެ ބަރު ފޮތްވެސް މެއެވެ.
ޚާއްޞަ އަގެއްގެ ގޮތުން މިއަދު 1,500 ރުފިޔާއަށް ފޮތް ގަތުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިފޮތް ލިޔުއްވުމުގެ މަސައްކަތް، ޑރ. ޙަސަން ޙަމީދު ނިންމަވާލައްވާފައި މިވަނީ ގާތްގަނޑަކަށް 9 އަހަރު ދުވަހުގެ މުއްދަތުން މެވެ.
މި ފޮތުގެ އެކި ޗެޕްޓަރުތައް ވަކިން ނެރުމުގެ އިތުރުން، އާންމުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ޚާއްޞަ ވެބްސައިޓެއް ތައްޔާރުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް، ޑރ. ޙަސަން ޙަމީދު ކުރިން ވިދާޅުވެފައިވެއެވެ.
