އދ. ހަންޏާމީދޫ ސުކޫލުގެ 18 ވަނަ ރަމަޟާން ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. 1447ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުނު މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ ރޭ، ހަންޏާމީދޫ ސުކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީޙުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއެވެ.

ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމާ ދެ ބަޔަށް ބަހާލައިގެން ކުރިއަށްގެންދިޔަ މުބާރާތުގެ ޢުމުރުފުރާތަކުން ވަނަތައް ޙާޞިލްކުރި ބައިވެރިންނަށް އިނާމުތައް ޙަވާލުކޮށްދެއްވީ، ޖަމްޢިއްޔަތުއްސަލަފްގެ ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން އަދި ޢިލްމުވެރީންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.

ޢުމުރުފުރާތަކުން 1 ވަނަ ޙާޞިލްކުރި ދަރިވަރުންނާއި މުޅި މުބާރާތުން ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް، މުބާރާތް އިންތިޒާމުކުރާފަރާތުން ހުށައަޅާފައިވާ އިނާމާއި ތަށި އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއެވެ.

މުޅި މުބާރާތުން ވަނަތައް ޙާޞިލްކުރި ދަރިވަރުން:

1 ވަނަ – ޢާއިޝަތު އަލްޔާ ޙަސަން އަޝްރަފް

2 ވަނަ – އާދަމް ޢިއްޒު ރިޝާން

3 ވަނަ – މުޙައްމަދު މިސްކް ބިން އިބްރާހީމް

4 ވަނަ - އައިމިނަތު އަލީޝާ ޢާދިލް އާދަމް

5 ވަނަ - ރީމް މުޙައްމަދު ރައިހާން

ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް އިނާމުތައް ޙަވާލުކޮށްދެއްވުމަށްފަހު، މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ 18 އަހަރު ކުރިން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތަކީ، އެ ރަށުގެ ހެޔޮއެދޭ އަމިއްލަ ފަރާތަކާ، ސުކޫލާ ގުޅިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބާއްވަމުން އަންނަ މުބާރާތެކެވެ. ސުކޫލުން މަޢުލޫމާތު ދިންގޮތުގައި މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ، މަދަރުސާގެ ދަރިވަރުންނާ، ރަށުގެ ރައްޔިތުންގެ ހިތުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ޤުރުއާން ކިޔަވާ ގިނަ ދަރިވަރުންތަކެއް އުފެއްދުމެވެ.

ދާރިސްޓީވީއިން ވަޤުތުން ގެނެސްދިން މި ރަސްމިއްޔާތުގެ ގިނަ ބައިތައް ހުށައަޅާދީފައިވަނީ ސުކޫލުގެ ދަރިވަރުންކަން ފާހަގަކޮށްލެވެއެވެ.