ހއ. އަތޮޅު މަދަރުސާގެ ދަރިވަރުން ބާރުވެރިކުރުވުމާއި ހުނަރު ތަރައްޤީކުރުމުގެ ގޮތުން Special Empowerment & Skill-Building Programme ގެ ނަމުގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

​އެ މަދަރުސާގެ އެލް.ކޭ.ޖީ އިން ފެށިގެން ގުރޭޑް 11އާ ހަމައަށް ކިޔަވާ ހުރިހާ ދަރިވަރުން ޝާމިލުވާގޮތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ކުރިއަށްދިޔައީ މި އޯގަސްޓް މަހުގެ 23 އިން 24 އަށެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވީ އެ މަދަރުސާގެ ޓީޗަރުންގެ އިތުރުން ރަށުގެ މުއައްސަސާތަކާއި ދާއިރާއިން ތަޖުރިބާއާއި ހުނަރު ލިބިވަޑައިގެންތިއްބެވި އެ ދާއިރާތަކުގެ ވަކިވަކި ފަރުދުންނެވެ.

​މި ޕްރޮގްރާމުގެ ތެރެއިން ތަފާތު ގްރޭޑްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ސެޝަންތައް:

  • އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ: "އަމިއްލަ ސާފުތާހިރުކަމާއި ޒިންމާދާރުވުމުގެ އަސާސްތައް" މި މައުޟޫޢަށް ޓީޗަރުން ނަގައިދެއްވި ސެޝަންގައި، އަމިއްލަ ސާފުތާހިރުކަމުގެ މުހިންމުކަމާއި، ކްލާސްރޫމް ތަރުތީބުކޮށް ބެހެއްޓުމާއި، ދުވަހުގެ ކަންކަން ރޭވުމުގެ މައްޗަށް ޢަމަލީ ގޮތުން ދަރިވަރުން ބައިވެރިވެ ޢަމަލީ ތަޖުރިބާ އެ ދަރިވަރުންގެ ލެވެލްގައި ދެވުނެވެ.

  • ގްރޭޑް 1 އަދި 2: "ކަރުދާހުން ތަކެތި އުފެއްދުމުގެ އީޖާދީ މަސައްކަތްތައް" މައުޟޫޢަށް ޓީޗަރުން ކުރިއަށްގެންދިޔަ ސެޝަންގައި، އަމިއްލައަށް ކަރުދާސް ކަފައި، ފަތްޖަހައި އަދި އެކި ބައިތައް ގުޅުވައިގެން ތަފާތު އުފެއްދުންތައް ތައްޔާރުކުރުމުގެ އީޖާދީ ތަޖުރިބާ ދަރިވަރުން ހޯދިއެވެ.

  • ގްރޭޑް 3: "ތަކެތީގައި ކުރެހުމާއި އަތްތެރި މަސައްކަތް" މި މައުޟޫޢަށް ސެޝަން ނަންގަވައިދެއްވީ ހޯރަފުށީގެ ފަންނުވެރިއެއް ކަމަށްވާ އަލްފާޟިލް އިބްރާހީމް ޙަފީޛެވެ. މި ސެޝަންގައި ތަފާތު ތަކެތީގައި އަމިއްލައަށް ކުލަޖައްސައި އީޖާދީ ޚިޔާލުތައް ފާޅުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވުނެވެ.

  • ގްރޭޑް 4 އިން 6: ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން "އަމިއްލަ ނަފްސު އަގުވަޒަންކުރާ ދަރިވަރު: މަދަރުސާއާއި ގޭތެރޭގައި ދިމާވާ ގަނާކުރުމާއި ނަފްސާނީ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތް" މި މައުޟޫޢަށް ސެޝަން ނަންގަވައިދެއްވީ ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސްގެ ލައިސަންސްޑް ޕްރޯވިޝަނަލް ސައިކޮލޮޖިސްޓް ރިފާ ރަޝީދެވެ.

  • ގްރޭޑް 7 އަދި 8: "އަމިއްލަ ސާފުތާހިރުކަމާއި އަސާސީ ފުރަތަމަ އެހީ" ގެ ނަމުގައި ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ފެސިލިޓޭޓަރުން ކުރިއަށްގެންދިޔަ ސެޝަންގައި، ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި، އަމިއްލަ ޞިއްޙަތަށް އަހުލުވެރިވުމާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތް ދަސްކޮށްދެވުނެވެ.

  • ގްރޭޑް 7 އިން 11: މި ގްރޭޑްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތިން ސެޝަނެއް ކުރިއަށްދިޔައެވެ. އެއީ ހޯރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުން ނަގައިދިން "ކުޅިވަރުގެ އަޚުލާޤާއި ޤަވާޢިދުތައް (ފުޓްބޯޅަ އަދި ހޭންޑްބޯޅަ)" ސެޝަނާއި، ހޯރަފުށީ އެއަރޕޯޓުގެ ފަރާތުން ނަންގަވައިދެއްވި "އިސްނަގައިގެން ކުރިމަތިލުން: ގޭތެރޭގައި ދިމާވާ ނުރައްކާތަކާއި އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުން" ސެޝަންގެ އިތުރުން، އައިޓީ އެކްސްޕާޓް އަލްފާޟިލް ތަސްލީމް އަޙްމަދު ނަންގަވައިދެއްވި "ޑިޖިޓަލް ސިޓިޒަންޝިޕް އަދި އޮންލައިން ރައްކާތެރިކަން" ސެޝަނެވެ.

  • ގްރޭޑް 9 އިން 11: ފެނަކަ – ހޯރަފުށީ ބްރާންޗުގެ ފަރާތުން "ގޭތެރޭގެ ކަރަންޓުގެ އަސާސީ ރައްކާތެރިކަން" މި މައުޟޫޢަށް ސެޝަނެއް ނަގައިދީ، ކަރަންޓާ ގުޅުންހުރި އަސާސީ ރައްކާތެރިކަމުގެ މަޢުލޫމާތާއި ހުނަރު ދަރިވަރުންނަށް ފޯރުކޮށްދީފައިވެއެވެ.

​ހއ. އަތޮޅު މަދަރުސާއިން ހާމަކުރެއްވި ގޮތުގައި މިއީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމުގައި މަދަރުސާގެ މުދައްރިސުންނާއި، މުއައްސަސާތަކާއި، ރަށުގެ ވަކިވަކި ފަރުދުންގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުން ދެއްވި ފުރިހަމަ އެއްބާރުލުމަށް އެ މަދަރުސާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.