ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަޢުވަތަކަށް، މަދީނާ އިސްލާމީ ޔުނިވަރސިޓީގެ ރައީސް ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާ މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.


އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އާއި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ ބިން އަޙްމަދު އަލް-ޤަހްޠާނީއެވެ.

ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާގެ މިދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން، އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައި.ސީ.އައި.އޭ2026)ގެ ކީނޯޓު މުޤައްރިރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި ކޮންފަރެންސް، މިއަދުގެ ހެނދުނު 9:00ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ އިފްތިތާޙުކުރެވިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.