އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުން ކަމުގައެވެ.
އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތަކާއި، އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް މި ބިލުގައި ކަނޑައަޅައިފައިވެއެވެ.
މި ބިލުން، މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި، ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ގްރޭޓަރ މާލެ ސަރަޙައްދު ހަމަޖައްސައި، މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ޚިދުމަތް ދިނުމަށް ޓަކައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި ޙާއްޞަ އޮފީހަކާއި، އެ ސަރަޙައްދާގުޅޭ ޚާއްޞަ އުސޫލުތައް ކަނޑައެޅުމަށް ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލުގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، އެއްގަމު ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ބިލަށް ޢަމަލުކުރަން ފަށާނީ، ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މިއާއެކު، ކުރިން ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 78/70 (މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު) އުވުނީކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
