އަޒުހަރު ޔުނިވަރސިޓީގެ އިމާމު ޑރ. އަޙްމަދު ޠައްޔިބުގެ ބިދޭސީ ދަރިވަރުންގެ ކަންތައްތަކާ ބެހޭ އެޑްވައިޒަރ، ޕްރޮފެސަރ ޑރ. ނަހުލާ ޞަބްރީ ޤުޠުބު އައްޞަޢީދީ މިއަދުގެ ވަޤުތެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެކަމަނާގެ މިދަތުރުފުޅަކީ، އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުޙަބާ ދެންނެވީ، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއާއި އެ ޔުނިވަރސިޓީގެ އިސްވެރީންނެވެ.

ޕްރޮފެސަރ ޑރ. ނަހުލާގެ މި ދަތުރުފުޅުގައި، އައިޔޫއެމްގެ ފެކަލްޓީ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސުން ވަނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއް އިންތިޒާމު ކޮށްފައެވެ. މިގޮތުން، ތަފާތު އެކި ދާއިރާތަކަށް ޢަމާޒުކުރެވިގެން 5 ޕްރޮގްރާމެއް ބާއްވާގޮތަށް މިހާރުވެސް ރޭވިފައިވާކަމަށް އައިޔޫއެމް އިން ވިދާޅުވެފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޢަމާޒުކުރެވިގެން ކުރިއަށްގެންދާ ޚާއްޞަ ސެޝަނަކާއި، ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ސްޓޫޑަންޓް ޔޫނިއަންތަކަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސެޝަންގެ އިތުރުން އިސްލާމީ ތަޢުލީމާއި އަދި ޢަރަބި ބަހުގެ މުދައްރިސުންނަށް ޚާއްޞަ ކުރެވިގެން ކުރިއަށްގެންދާ ސެޝަންތަކެވެ. އަދި ހަމައެއާއެކު ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޢިލްމުވެރިންނާއި، ދަރުސްތައް ދެއްވާ ޢިލްމުވެރިންނަށް ޚާއްޞަ ޕްރޮގްރާމާއި ސެކަންޑަރީ ސްކޫލުގެ ދަރިވަރުންނަށް ޢަމާޒުކުރެވިގެން ރޭވިފައިވާ ސެޝަންއެއްވެސް މި ޕްރޮގްރާމްތެރޭގައި ހިމެނިފައިވެއެވެ. މީގެ ތެރެއިން މާދަމާ އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޢަމާޒުކޮށް ބާއްވާ، ސެޝަން ފިޔަވައި ދެންހުރި ހުރިހާ ސެޝަންތަކަށްވެސް ޢާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާކަމަށްވެސް އައިޔޫއެމް އިން ވިދާޅުވެއެވެ.

އިސްލާމިކް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ މި ސެޝަންތައް ކުރިއަށްދާނީ މިއަދާއި މާދަމާ، އެ ޔުނިވަރސިޓީގެ ހޯލުގައެވެ.

އިސްލާމީ ދިރާސާތަކާއި ލީޑަރޝިޕާގުޅޭ ތަފާތު ސެޝަންތައް ނަންގަވައިދެއްވުމުގެ އިތުރުން، އަޒުހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ދިވެހި ދަރިވަރުންނާއި، ދައުލަތުގެ ޢިއްޒަތްތެރިންނާވެސް ޕްރޮފެސަރ ޑރ. ނަހުލާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަމިއާއެކު، އިސްލާމިކް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން، މި މަހުގެ 30 އިން 31 އަށް ކުރިއަށްގެންދާ 11ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގައި މުޚާޠިބުކޮށް ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ވިދާޅުވެއެވެ.