ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ "ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ 2026" ޝަރަފުވެރިކޮށްދެއްވައި އިފްތިތާޙުކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި މަހާސިންތާ އިފްތިތާޙުކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ "11ވަނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ 2026" އިފްތިތާޙުކުރެއްވުމަށްފަހު، ޝަރަފުވެރިމެހެމާނުގެ ވާހަކަފުޅުގައި، އައިޔޫއެމް ރިސާރޗް ސެންޓަރުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް، މި މަހާސިންތާ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ އިން ސްޕޮންސަރ ކޮށްދެއްވާނެ ކަމަށްވިދާޅުވިއެވެ. އަދި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ ޒަޢާމަތުގައި އިސްލާމީ ޔުނިވަރސިޓީން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަން ފާހަގަކުރައްވައި، އިތުރު ކުރިއެރުމާއި، ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި މިއަދުވެސް އެކިދާއިރާތަކުން ތަފާތު ގިނަ ދިރާސާތަކެއް ހުށައެޅިފައިވާއިރު، މާދަމާވެސް ތަފާތު ދިރާސާތައް ހުށައެޅުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އައިޔޫއެމްގެ އަހަރީ ބައިނަލްއަޤްވާމީ މަހާސިންތާގެ ގޮތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަހާސިންތާގެ މިއަހަރުގެ ޝިޢާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އުނގެނުމުގެ މުޖުތަމަޢު ބިނާކުރުން" އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، މިއަހަރުގެ މަހާސިންތާގައި 18 ޤައުމެއްގެ 53 ފަރާތެއް ބައިވެރިވެއެވެ. އަދި 167 ކަރުދާހެއް މި މަހާސިންތާއަށް ހުށައަޅާފައިވާއިރު، މީގެ ތެރެއިން ބަލައިގަނެފައިވަނީ ބައިނަލްއަޤްވާމީ 83 ކަރުދާހަކާއި، ދިވެހި 85 ކަރުދާހެކެވެ. ޢަރަބި، ދިވެހި އަދި އިނގިރޭސި ބަހުންވެސް ކަރުދާސްތައް ހުށައެޅިފައިވާ މި މަހާސިންތާގައި ޖުމްލަ 526ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ. މީގެތެރެއިން 182 ބައިވެރިން ރަޖިސްޓްރީ ވެފައިވަނީ އޮންލައިންކޮށް ބައިވެރިވާ ގޮތަށެވެ.

ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި، ބީއެމްއެލް އިސްލާމިކުން ސްޕޮންސަރ ކޮށްފައިވާ މި މަހާސިންތާގައި ކީނޯޓް މުޤައްރިރުންގެ ގޮތުގައި ތިންބޭފުޅަކު ތަޤުރީރުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް އައިޔޫއެމްއިން ހާމަކުރައްވާފައިވެއެވެ. މަދީނާ އިސްލާމީ ޔުނިވަރސިޓީގެ ރައީސް ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާ އާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގެ ކުރީގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ (ތަން ޝްރީ) ޒުލްކިފްލީ ޢަބްދުލް ރަޒާކް އާއި އަޒުހަރު ޔުނިވަރސިޓީގެ އިމާމު ޑރ. އަޙްމަދު ޠައްޔިބުގެ ބިދޭސީ ދަރިވަރުންގެ ކަންތައްތަކާ ބެހޭ އެޑްވައިޒަރ، ޕްރޮފެސަރ ޑރ. ނަހުލާ ޞަބްރީ ޤުޠުބު އައްޞަޢީދީއެވެ.
